Maafushi

މާފުށީ ސްކޫލުން ކުރިއަށް ގެންދާ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

މާރިޗު 13ވަނަ ދުވަހު ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުގައި ހުރި ދަރިވަރުންނަށް އެނގެންޖެހޭ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން އެއްގަމު އުޅަނދު ދުއްވުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ މަޢުލޫމާތު ދަރިވަރުންނާއި ހިއްސާކޮށްފައިވެއެވެ. އަދި މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް އެ ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާއި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ހާލަތުގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައި ދަރިވަރުން ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތުދިނުމާއި އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތުދީފައިވެއެވެ.

އަދި އެއްގަމު އުޅަނދު ބަލައިފާސްކުރުމުގައި ފުލުހުން ކުރަމުންދާ ކަންކަމާއި ގުޅޭގޮތުން އަމަލީ ތަޖުރިބާ ހޯދުމަށްޓަކައި ޓްރެފިކް ވެސްޓްގައި، ފުލުހުންނާއެކު ދަރިވަރުން މަގުމަތީގައި ހަރަކާތްތެރިވެ އުޅަނދުތައް ބަލައިފާސްކޮށްފައިވެއެވެ.