Thinadhoo

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ. ތިނަދޫގައި މަސައްކަތްކުރާ ފުލުހުން އެރަށުގައި ހިންގި އޮޕަރޭޝަނެއްގައި، ބިޔަރުދަޅުތަކެއް ކަމަށް ބެލެވޭ ދަޅުތަކަކާއެކު އެރަށުން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ތިނަދޫ ބޭރުގައި އޮތް ސަފާރީއަކުން ބިޔަރު ދަޅުތަކެއް ތިނަދުއަށް އެތެރެކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ރޭ 22:55 އެހާކެންހާއިރު ތިނަދޫ ބަނދަރުމަތިންނެވެ.

މި އޮޕަރޭޝަނުގައި އޭނާ ހުއްޓުވި ވަގުތު އޭނާއަތުގައިއޮތް ކޮތަޅެއް އެއްލާލިތަން ފުލުހުންނަށް ފެނުމުން އޭނާގެ ހާޟިރުގައި އެސަރަޙައްދު ބަލައިފާސްކުރިއިރު އޭނާ އެއްލާލި ކޮތަޅުގެ ތެރެއިން ބިޔަރު ދެދަޅާއި ބަނގުރާކަމަަށް ބެލެވޭ ދިޔާއެއްޗެއްހުރި ފުޅިއެއް ފެނިފައިވެއެވެ. މީގެއިތުރުން އެ ކޮތަޅު އެއްލާލި ވަގުތު އެ ކޮތަޅު ފެޅިގެން ބަނދަރުތެރެއަށް ވެއްޓިފައިވާ ބިޔަރު ދެ ދަޅުވެސް ފުލުހުންގެ މަސައްކަތުންވަނީ ހޯދާފައެވެ.

މި މައްސަލަ ތިނަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.