ފުލުހުންގެ ކުރިއަށް ގެންދިޔަ ޑްރަގް އޮޕަރޭޝަނެއްގައި ގެއެއް ބަލައިފާސްކުރަނީ -- ފައިލް ފޮޓޯ
ފުލުހުންގެ ކުރިއަށް ގެންދިޔަ ޑްރަގް އޮޕަރޭޝަނެއްގައި ގެއެއް ބަލައިފާސްކުރަނީ -- ފައިލް ފޮޓޯ

މަސްތުވާ ތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަަސައްކަތުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އިން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލެގެ ގެއެއް ބަލައިފާސްކޮށް 13 މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ސްޕެޝަލިސްޓް އޮޕަރޭޝަން ޑިޕާޓްމަންޓާއި  ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން މާރިޗު 11 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 46 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކާއި 37 އަހަރުގެ މީހަކާއި 34 އަހަރުގެ މީހަކާއި 28 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 26 އަހަރުގެ ދެ މީހުންނާއި 23 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެކެވެ. މި 09 މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. އަދި މި މައްސަލަ އާއި ގުޅިގެން 36 އަހަރުގެ ބަންގްލަދޭޝް މީހަކާއި 33 އަހަރުގެ ދިވެހި އަންހެނަކާއި 28 އަހަރުގެ ދިވެހި އަންހެނެއް ހައްޔަރުކޮށްފައިވެއެވެ.

މި އޮޕަރޭޝަނުގައި ގަލޮޅުގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ބޭނުންކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތާއި ގުޅިގެން ކޯޓުއަމުރެއްގެ ދަށުން އެގެ ބަލައިފާސްކޮށްފައިވާއިރު، އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 31 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އިން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.