ފައިލު ފޮޓޯ--
ފައިލު ފޮޓޯ--

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްޓްމަންޓް ޑިޕާރޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކ.މާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ މާލެއިން މާފުއްޓަށް މަސްތުވާތަކެތި އެތެރެ ކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފެބުރުވަރީ 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެެއްގައި، މާލޭ ފަސްނަންބަރު ފަޅުތެރޭގައި އޮތް ލޯންޗެއްގެ ތެރެއިންނެވެ. މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ  އެއްޗެއްހުރި ހަ ރަބަރު ކޮތަޅު ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މިމައްސަލަ ޑްރަގް އެންފޯސްޓްމަންޓް ޑިޕާރޓްމަންޓުން ދަނީ ތަހުޤީޤު ކުރަމުންނެވެ.