ފައިލް ފޮޓޯ--
ފައިލް ފޮޓޯ--

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން  ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންްޓުން މާލޭގައި ހިންގި އޮޕަރޭޝަންތަކެއްގައި، މަސްތުވާތަކެއްޗާއެކު 11 ދިވެއްސަކުހައްޔަރުކޮށްފިއެވެ.

މިމައްސަލަތަކާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 17 އަހަރާއި 33 އަހަރާއި ދެމެދުގެ 11 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ފިރިހެނަކާއި 20 އަހަރުގެ އަންހެނެއްގެ އިތުރުން 18 އަހަރުން ދަށުގެ ކުއްޖެކެވެ. މިމީހުން ހައްޔަރުކޮށްފައިވަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތު ތަކަކާއި ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައެވެ.

އެގޮތުން ފެބުރުވަރީ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މާފަންނުގެ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ދެކޮތަޅު އެގެއިން ފެނިފައިވެއެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެކެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް 33 އަހަރުގެ މީހާއަށް ދީފައިވާއިރު 24 އަހަރުގެ މީހާއަށް އެއް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައި ވެއެވެ.

މީގެއިތުރުން ފެބުރުވަރީ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މާފަންނުގެ އިތުރު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ދެ ކޮތަޅުގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 23 ސެލޯފިންކޮޅު އެގެއިން ފެނިފައިވެއެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި 20 އަހަރުގެ އަންހެނެއްގެ އިތުރުން ފަސް ފިރިހެނުންނެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ހަތް މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރިކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް 18 އަހަރުން ދަށުގެ ކުއްޖާއަށް ދީފައިވާއިރު 20 އަހަރުގެ އަންހެންމީހާއަށް ނުވަ ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ. އަދި 23 އަހަރުގެ މީހަކާއި  28 އަހަރުގެ މީހެއްގެ އިތުރުން 30 އަހަރުގެ މީހަކަށް 12 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 20 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކަށް ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވެއެވެ.

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފެބުރުވަރީ 26ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ގަލޮޅުގެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 73 ރަބަރު ޕެކެޓު އެގެއިން ފެނިފައިވެއެވެ.  މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދެ މީހެކެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރިކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި ތިން މައްސަލަވެސް ފުލުހުންގެ ޑްރަގް އެންފޯސްޓްމަންޓް ޑިޕާރޓްމަންޓުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.