Kaashidhoo

ކުށްމަދު އަމާން މާހައުލެއް ޤާއިމް ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ކ.ކާށިދޫ ޕޮލިސް ސްޓޭޝަނުން އެރަށުގެ ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މިޕްރޮގްރާމަކީ، ކާށިދޫގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ހައްލެއް ގެނައުމަށްޓަކައި ކާށިދޫގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް އާންމު ރައްޔިތުން މިހާރަށްވުރެން ބޮޑަށް ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށްކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެގޮތުން ވައްކަންކުރާ ފަރާތްތަކަށް ފުރުސަތު ކުޑަކުރުމުގެ ގޮތުން ގޭގެ ދޮރުތައް ރަނގަޅަށް ތަޅުލާފައި ބެހެއްޓުމާއި ގެއިން ބޭރަށްދާއިރު ވެސް ގެ ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީން ކޮށްފައި ދިޔުމަށާއި ގޭގައި ބަހައްޓާފައި ހުންނަ  މުދާ ރައްކާތެރި ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

ކާށިދުއަކީ ކުށްމަދު އަމާން މާހައުލެއް ޤާއިމްވެފައިވާ ރަށަކަށް ހެދުމަށްޓަކައި ކާށިދޫ ޕޮލިސް ސްޓޭޝަނުން ކުރިޔަށް ގެންދާ ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކުގައި އާންމު ރައްޔިތުންގެ ވަރަށްބޮޑު އެއްބާރުލުމެެއް ފުލުހުންނަށް ދަނީ ލިބެމުންނެވެ.