GA Maamendhoo

ގއ.މާމެންދޫގައި ދެމުންގެންދާ ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ގއ. އަތޮޅު ކައުންސިލާ މާމެންދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން  މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

ގއ. ވިލިނގިލީ ކައުންސިލް އިދާރާގައި މި މަހު 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި، މާމެންދޫގައި ދެމުންގެންދާ ފުލުހުންގެ ޚިދުމަތް އިތުރަށް ރަނގަޅުކޮށް ހަރުދަނާ ކުރުމަށްޓަކައި ފުލުހުންނާ ކައުންސިލް އިދާރާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުވުމަށް ޕްރޮގްރާމްތަކެއް ހިންގުމަށް މަޝްވަރާ ކޮށްފައިވެއެވެ. އެގޮތުން މާމެންދުއަކީ އަމާން ތަނަކަށް ހެދުމާއި ރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރަށުތެރޭގައި ކުށްމަދު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި  އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް އުޅަނދު ދުއްވުމަށް ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ. އަދި ރައްޔިތުންނާއި ފުލުހުންނާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި ރަށު ފެންވަރުގައި ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށްވެސް މަޝްވަރާ ކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި، ގއ. އަތޮޅު ކައުންސިލާއި މާމެންދޫ ކައުންސިލުން ބައިވެރިވެފައިވެއެވެ. އަދި ގއ. އަތޮޅު ކޮމާންޑަރާއި ގއ. ވިލިނގިއްޔާއި މާމެންދޫގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެފައިވެއެވެ.