SO

މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަަސައްކަތްތައް މިހާރަށްވުރެ ފުޅާކޮށް ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް ގެންނަޖެހޭ ބަދަލުތަކާއިމެދު މަޝްވަރާކޮށް ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ މަޝްވަރާތަކަށް އަމާޒުކޮށްގެން ބާއްވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން ޑިވެލޮޕްމެންޓް މަހާސިންތާ އަތޮޅުތެރޭގައި ބާއްވައިފިއެވެ.

އެގޮތުން ކުރިއަށް އޮތް ފަސް އަހަރަށް ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމަށްޓަކައި ބާއްވަމުންދާ މަހާސިންތާ ތަކުގެ ތެރެއިން، ނޮދަން އޮޕަރޭޝަން ކޮމާންޑަށް ޚާއްސަކޮށްގެން ބޭއްވި މަހާސިންތާ ށ. އަތޮޅު ފުނަދޫގައި ބާއްވާފައިވާއިރު ސަދަން އޮޕަރޭޝަން ކޮމާންޑަށް ޚާއްސަކޮށްގެން ބޭއްވި މަހާސިންތާ ބާއްވާފައިވަނީ އައްޑޫސިޓީ ހިތަދޫގައެވެ.

 ނޮދަން އޮޕަރޭޝަން ކޮމާންޑުގައި ހިމެނޭ ހއ، ހދ، ށ، ނ، ރ، ބ، ޅ. އަތޮޅުގެ އިތުރުން ކ. އަތޮޅާއި އއ، އދ، އަދި ވ. އަތޮޅަށް ޚާއްސަކޮށްގެން ބޭއްވި މަހާސިންތާ ފެބުރުވަރީ 12ން 14ށް ބާއްވާފައިވާއިރު، ސަދަން އޮޕަރޭޝަން ކޮމާންޑުގައި ހިމެނޭ މ، ފ، ދ، ތ، އަދި ލ. އަތޮޅުގެ އިތުރުން އައްޑޫސިޓީއާއި ފުވައްމުލައް ސިޓީއަށް ޚާއްސަކޮށްގެން ބޭއްވި މަހާސިންތާ ފެބުރުވަރީ 13ން 14ށް އައްޑޫސިޓީ ހިތަދޫގައި ވަނީ ބާއްވާފައެވެ.

ނޮދަން އޮޕަރޭޝަން ކޮމާންޑުގައި ބޭއްވި މަހާސިންތާގެ ތެރެއިން --

އެގޮތުން މިއަތޮޅުތަކުގައި މަސައްކަތްކުރަމުންދާ ފުލުހުންނާއި ސިވިލް މުވައްޒަފުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ މި ދެ މަހާސިންތާގައި، ކުރިއަށް އޮތް ފަސް އަހަރު މުއައްސަސާގެ ފެންވަރުގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަޑިތަކަކީ ކޮބައިތޯއާއި އެމަގަށް ވާސިލްވުމަށްޓަކައި ކުރަންޖެހޭ މަަސައްކަތްތަކާއި، ދިމާވެދާނެ ގޮންޖެހުންތަކާއި ގުޅޭގޮތުން މުވައްޒަފުންގެ ޚިޔާލުހޯދައި މަޝްވަރާކޮށްފައިވެއެވެ.

 ނޮދަން އޮޕަރޭޝަން ކޮމާންޑާއި ސަދަން އޮޕަރޭޝަން ކޮމާންޑުގައި ބޭއްވި މަހާސިންތާގައިވެސް، ފުލުހުންގެ މަސައްކަތްތައް ލާމަރުކަޒީ އުސޫލުން ހިންގާއިރު މަސައްކަތްތައް އެއްގޮތްކުރުމާއި ފުލުހުންގެ މަަސައްކަތްތައް ކުރިއަށްގެންދިއުމުގައި ހުރި ދަތިތަކާއި އެކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. އަދި ފުލުހުންގެ މަރުކަޒުތަކުގައިހުރި ދަތިތަކާއި އެމަރުކަޒުތަކުންދޭ ޚިދުމަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހުޅުވައިލައި ކުށުގެ ހާލަތާއި މުވައްޒަފުންގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

މީގެއިތުރުން މިއަތޮޅުތަކުގައި ހުރި ސަރުކާރުގެ މުއައްސަކާތަކާއި ޖަމްޢިއްޔާތަކާއި އާންމު ރައްޔިތުންނަށް  ޚާއްސަކޮށްގެން ފޯރަމްތަކެއްވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ކުރިއަށްގެންދިޔަ ފޯރަމްތަކުގައި، ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ޚިޔާލު ހޯދައި މަޝްވަރާކޮށްފައިވެއެވެ.