Velidhoo

ނ. ވެލިދުއަކީ ކުށްމަދު އަމާން ރައްކާތެރި ރަށެއްގެ ގޮތުގައި ބޭއްވުމަށް ވެލިދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޕޮލިސް އިންޓެލިޖެންސް އާއި ގުޅިގެން ޚާއްސަ އޮޕަރޭޝަން ތަކެެއް އެރަށުގައި ކުރިޔަށް ގެންގޮސްފިއެވެ.

ފެބުރުވަރީ  3ން 9ށް ކުރިޔަށް ގެންދިޔަ މިއޮޕަރޭޝަންތަކުގައި، މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މީހުންނާއި ތަންތަން ބަލައިފާސްކުރުމާއި  ކުށްތަކަށް މަގުފަހިވާ ގޮތަށް ހުރި ފަޅުގެތައް ބަލައިފާސްކުރުމާއި ރަށުތެރޭގައި ގުރޫޕް ހަދައިގެން މީހުން އެއްވެއުޅޭ ސަރަޙައްދުތައް ބަލައިފާސްކޮށްފައިވެއެވެ. އަދި ފިހާރަތައް ހިމެނޭ ސަރަޙައްދުތައް ޕެޓްރޯލުކޮށް އެތަންތަން ބަލަހައްޓާފައިވެއެވެ.

މީގެއިތުރުން ވެލިދޫގައި ދުއްވާ އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި ރަށުގެ މަގުތަކަކީ އަމާން މަގުތަކަކަށް ހެދުމަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގައި އެއްގަމު އުޅަނދުގެ އަހަރީފީ އާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލައިފައިވެއެވެ. މި އޮޕަރޭޝަންގެ ތެރެއިން 50 އުޅަނދެއް ބަލައިފާސްކޮށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޚިލާފަށް އުޅަނދު ދުއްވި އަށް ފަރާތަކަށް ފިޔަވަޅުއަޅައި ނަސޭހަތްތެރިވެފައިވެއެވެ.

މި އޮޕަރޭޝަންތަކުގައި ވެލިދޫގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ފުލުހުންނަށް ލިބިފައިވެއެވެ. ކުށްމަދު އަމާން ވެއްޓެއް ޤާއިމުކުރުމަށްޓަކައި މިފަދަ އޮޕަރޭޝަންތައް ސިލްސިލާކޮށް ވެލިދޫ ޕޮލިސް ސްޓޭޝަނުންދަނީ ހިންގަމުންނެވެ.