L Maavah

ފުލުހުންގެ ނެއިބަރހުޑް ސަޕޯރޓް އޮފިސަރުންގެ ޚިދުމަތް ލ. މާވަށުގައި ތަޢާރަފުކޮށް ނެއިބަރހުޑް ސަޕޯރޓު އޮފިސަރުންގެ މަސައްކަތްތައް އެރަށުގައި ފަށައިފިއެވެ.

އެގޮތުން ނެއިބަރހުޑް ސަޕޯރޓު އޮފިސަރުންގެ ޚިދުމަތް ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، މާވަށް ދެ ސަރަޙައްދަކަށް ބަހާލާފައިވާއިރު، ކޮންމެ ސަރަހައްދަކަށް ނެއިބަރހުޑްގެ ދެ އޮފިސަރުން ވަނީ ކަނޑައަޅާފައެވެ. ނެއިބަރހުޑްތަކަށް ކަނޑައަޅާފައިވާ ސަޕޯރޓް އޮފިސަރުން ކަނޑައެޅިފައިވާ ނެއިބަރހުޑް ތަކުގައި ހުރި ގޭބިސީތަކަށާއި، ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް ނެއިބަރހުޑް ސަޕޯރޓް އޮފިސަރުންގެ މަސައްކަތްތަކާއި، ގުޅޭނެ ނަންބަރުތަކާއި، ހޭލުންތެރިކުރުމުގެ ތަފާތު މަޢުލޫމާތު ޙިއްސާކޮށްފައިވެއެވެ. އަދި ނެއިބަރހުޑް އޮފިސަރުން ޒިޔާރަތްކުރި ތަންތަނުން އެފަރާތްތަކުގެ ހުރި ކަންބޮޑުވުންތައްވެސް ވަނީ ޙިއްސާކޮށްފައެވެ.

މި ޚިދުމަތުގެ ދަށުން ނެއިބަރހުޑް ސަޕޯރޓު އޮފިސަރުން، ކަނޑައެޅިފައިވާ ސަރަޙައްދުތަކަށް ޒިޔާރަތްކޮށް އެ ސަރަޙައްދުތަކުގެ އާންމު މަޢުލޫމާތު އޮޅުންފިލުވާ އާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު އަމަލުތަކާއި އެސަރަޙައްދުތަކުގައި ހިނގާ ކުށްތައް ދެނެގަނެ ޙައްލު ހޯދައިދިނުމަށް މަސައްކަތްކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ކުށްމަދު ކުރުމަށާއި، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރަންވީ ގޮތުގެ މަޢުލޫމާތު އެ ސަރަޙައްދުގައި އުޅޭ އާންމު ރައްޔިތުންނާއި ޙިއްސާކުރުމަށް ހަމަޖެހިފައިވެއެވެ.

ނެއިބަރހުޑް ޕޮލިސިންގ ތަޢާރަފްކުރުމުގެ މަޤްޞަދަކީ ފުލުހުންނާއި ރައްޔިތުންނާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ފުލުހުންނާއި މެދު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި ޔަޤީންކަން ކަށަވަރު ކުރުމެވެ. އަދި ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ދުރުކޮށްދީ ނެއިބަރހުޑްގައި ދިރިއުޅޭ ރައްޔިތުންނާއި ގުޅިގެން އެސަރަޙައްދުގައި އަމާން ވެއްޓެއް ޤާއިމުކޮށްދިނުމެވެ.