Mulaku shop visit

ކުށްމަދުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މ.މުލަކުގެެ ވިޔަފާރިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ކުރިޔަށް ގެންގޮސްފިއެވެ.

މިއަދު ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްގެ ތެރެއިން މުލަކުގައި ވިޔަފާރިކުރާ ހުރިހާ ފިހާރައަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ވައްކަންކުރާ ފަރާތްތަކަށް ފުރުޞަތު ކުޑަކުރުމުގެ ގޮތުން ފައިސާ ގެންގުޅުމުގައި ސަމާލުވުމާއި، ފިހާރަ ބަންދުކުރާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމާއި، ފިހާރަ ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކުރުމާއި އަދި ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދުދީފައިވެއެވެ.

މީގެ އިތުރުން އަލަށް ތަޢާރަފްކޮށްފައިވާ ފައިސާތަކުގެ ސެކިއުރިޓީ ސިފަތަކާއި މަކަރާއި ހީލަތުން ރީލޯޑް އަދި ރާސްޓަސް ކުރުމުގެ މައްސަލަތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމާއި، އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ އަމަލުކުރަންވީ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމަށް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންދަނީ ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.