Six sences resort

ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާ ސިކްސް ސެންސަސް ލާމު ރިސޯޓާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ކުރިއަށްގެންގޮސްފިއެވެ.

 އެގޮތުން އިއްޔެ އެ ރިސޯޓުގައި ކުރިއަށް ގެންދިޔަ މިމަޝްވަރާ ބައްދަލުވުމުގައި، ކުރިއަށް އޮތްތަނުގައި ލ. އަތޮޅުގައި ކުރިއަށް ގެންދެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. އަދި ވެލާ ކަހަނބު ހިމާޔަތްކުރުމަށް އެރިސޯރޓުން ކުރިއަށްގެންދާ ކެމްޕެއިންގައި އަމަލީގޮތުން ފުލުހުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

މީގެއިތުރުން އެ ރިސޯޓުގައި ކުރިއަށްގެންދާ ޓްރެއިނިން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފުލުހުންނަށް ހޯދައި ދިނުމާއި އަދި ލާމު ލިންކް ރޯޑުގައި ކެމެރާ ސިސްޓަމް ހަރުކުރުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވެއެވެ. އަދި ސިކްސް ސެންސަސް އަކީ ބައިނަލް އަޤްވާމީ ދުވަސްތައް ކޮންމެ އަހަރަކުވެސް ކުލަގަދަކޮށް ފާހަގަ ކުރަމުންދާ ރިސޯޓަކަށް ވުމާއެކު އެފަދަ ދުވަސްތަކުގައި މަޢުލޫއާއި ގުޅޭގޮތަށް ފުލުހުންގެ ޤާނޫނާއި ޤަވާއިދުގެ ތެރެއިން ސެޝަނެއް ނަގައިދިނުމާއި ގުޅޭގޮތުންވެސް  މަޝްވަރާ ކޮށްފައިވެއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި، ލ. އަތޮޅު ކޮމާންޑަރާއި  ޑިވިޜަން ކޮމާންޑަރާއި އަދި ސިކްސް ސެންސަސް ލާމު ރިސޯޓުގެ މެނޭޖްމަންޓުން ބައިވެރިވެފައިވެއެވެ.