Kalaidhoo banguraa

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ. އިސްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ އުފެއްްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކަކާއެކު ދެ މީހަކު ލ. ކަލައިދޫން ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ. ފެބުރުވަރީ 08 ވަނަ ދުވަހުގެރޭ 20:45 ހާއިރު ކަލައިދޫގައި ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔައިރު އެރަށު ވަލުތެރޭގައި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލޭ ސާމާނުތަކެއް ގޯންޏަކަށް އަޅަނިކޮށް ފެނިގެން މި ދެމީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ދެ ފުޅި މި ދެމީހުންގެ އަތުން ފެނިފައިވެއެވެ. އަދި މި ދެމީހުން ގެންގުޅުނު ގޯނި ބަލައިފާސްކުރިއިރު ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ފެނިފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއި މެދު ގޮތެއްނިންމުމަށް ލ.ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި މައްސަލަ ލ. އިސްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީގު ކުރަމުންނެވެ.