މ. ކޮޅުފުށީގައި ދުއްވާ އެއްގަމު އުޅަނދުތައް ބަލައިފާސްކޮށްފި

ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މަރިޔަމް އަޒްލިފާ
Kolhufushi

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މ.ކޮޅުފުށީގައި ދުއްވާ އެއްގަމު އުޅަނދުތައް ބަލައިފާސްކޮށްފިއެވެ.

 ޖަނަވަރީ 31 ވަނަ ދުވަހު ކޮޅުފުށީ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ، ކޮޅުފުށީގައި ދުއްވާ އެއްގަމު އުޅަނދު ތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި، ކޮޅުފުށީގެ މަގުތަކަކީ އަމާން މަގުތަކަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ތެރެއިން، އުޅަނަދުތަކުގެ އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލައިފައިވެއެވެ. އެގޮތުން 15 އުޅަނދެއް ބަލައިފާސްކޮށް، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އުޅަނދު ދުއްވި ތިން ފަރާތެއް ޖޫރިމަނާކޮށް ނަސޭހަތްތެރިވެފައިވެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މާލެއާއި އަތޮޅުތަކުގައި ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.