Addu banguraa

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަނުން ހިންގި ތިން އޮޕަރޭޝަނެއްގައި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސަމާނުތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން އައްޑޫ ސިޓީ ހިތަދޫގައި ބަނގުރާ އުފައްދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޖަނަވަރީ 30 ވަނަ ދުވަހު 14:00 ހާއިރު ހިތަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި، ހިތަދޫ ޓާރފް ދަނޑާދިމާ ވަލުތެރޭން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 20 ލީޓަރުގެ ދެ ހަމާއި،  ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 5 ލީޓަރުގެ ހަމަކާއި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.

އަދި މިއަދު  16:15 ހާއިރު ހިންގި އޮޕަރޭޝަންގައި ހިތަދޫ ފަޅު ގޯއްޗެއް ބަަލއިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 20 ލީޓަރުގެ ތިން ހަމާއި،  ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.

މި ދެ މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ.

މީގެއިތުރުން ހުޅުމީދޫގައި ބަނގުރާ އުފައްދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހުޅުމީދޫ ޕޮލިސް ސްޓޭޝަނުންވެސް މިއަދު މިވަނީ އޮޕަރޭޝަނެއް  ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި 23 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިމީހާ ހައްޔަރުކޮށް، މިމީހާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 20 ލީޓަރުގެ ދެ ހަމާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.

މ. މުލަކުގައި ބަނގުރާ އުފައްދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މުލަކުގައިވެސް މިއަދު މިވަނީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. މުލަކު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އެރަށުގެ ވަލުތެރެ ބަލައިފާސްކުރި އިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 20 ލީޓަރުގެ ހަމެއް ފެނިފައިވެއެވެ.

މި މައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

މި މައްސަލަތައް ފުލުހުންދަނީ ތަޙުޤީޤު ކުރަމުންނެވެ.