
ކުށްމަދު އަމާން ވެއްޓެއް ޤާއިމް ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން އެރަށުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ،ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތަކެތި ހޯދައި ވެރިފަރާތާއި ހަވާލުކޮށްފިއެވެ.
މިހާރަކަށް އައިސް ފަރެސްމާތޮޑާގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުންދިއުމާއި ގުޅިގެން ޖަނަވަރީ 29ވަނަ ދުވަހު ކުރިއަށްގެންދިޔަ މިއޮޕަރޭޝަންގެ ތެރެއިން، އެރަށުގައި ކުށްހިނގާ ކަމަށް ޝައްކުކުރެވޭ ތަންތައް ބަލައިފާސްކޮށްފައިވެއެވެ. އެގޮތުން ބަލައިފާސްކުރިކުރުމުގައި، އެރަށުގެ ގުދަނަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސާމާނުތަކެއް ފުލުހުންގެ ބެލުމުގެދަށަށް ވަނީ ގެނެސްފައެވެ. މިތަކެތި މިހާރުވަނީ އެތަކެތީގެ ވެރިފަރާތާއި ހަވާލުކޮށްފައެވެ.
މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނު ދަތީ އިތުރަށް ތަހުޤީގުކުރަމުންނެވެ.