ހުޅުމާލެއިން މަސްތުވާތަކެއްޗާއެކު ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ޕޮލިސް ލާންސްކޯޕްރަލް އައިމިނަތު އަފްސާނާ
Hulhumale

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން  ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންްޓުން ހިންގި އޮޕަރޭޝަނެއްގައި، ހުޅުމާލެއިން މަސްތުވާތަކެއްޗާއެކު ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެކެވެ. މިދެމީހުން ހައްޔަރުކޮށްފައިވަނީ ބަނގުރަލާއި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާކަމަށް  ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޖަނަވަރީ 29ވަނަ ދުވަހުގެ ރޭ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ބީޗް ސަރަޙައްދުންނެވެ. މި ދެމީހުން ހުއްޓުވާ ބަލައިފާސްކުރިއިރު، މަނާބޭސް ކަމަށް ބެލެވޭ 20 ގުޅަ ބޭސް ފެނިފައިވެއެވެ.

އަދި މިދެ މީހުންނާ ގުޅުންހުރި ގެސްޓްހައުސްއެއް، އެތަނުގެ ވެރިފަރާތުގެ ހުއްދައާއިއެކު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބުލެޓް ސައިޒްގެ ދެ ރަބަރު ޕެކެޓާ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 39 ރަބަރު ޕެކެޓާއި ބަނގުރާ ކަމަށް ޝައްކުކުރެވޭ  އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއެއް ފެނިފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި މައްސަލަ ޑްރަގް އެންފޯސްޓްމަންޓް ޑިޕާރޓްމަންޓުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.