L. Atoll

ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން، ލ. އަތޮޅު ފެނަކަ އޮފީހުގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއަދު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި، ލ. އަތޮޅު ފުލުހުންނާއި ލ. އަތޮޅު ފެނަކައަކީ އާއްމު ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތަކެއް ދެމުންދާ ދެ މުއައްސަސާއަށް ވުމާއެކު ދެ މުއައްސަސާގެ ގުޅުން އިތުރަށް ހަރުދަނާކޮށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާއި އަދި މުޖްތަމައުއާއި އޮންނަ ގުޅުން އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި އާއްމު ރައްޔިތުންނަށް އަމާޒުކޮށް ހިންގާ އެކި ޕްރޮގްރާމްތަކުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުމާއި، ކުށްމަދު އަމާން މާޙައުލެއް ޤާއިމް ކުރުމުގައިވެސް  ދެ މުއައްސަސާ ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

މިބައްދަލުވުމުގައި، ސައުތު ސެންޓަރލް ޕޮލިސް ޑިވިޜަން ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް މުސްތާޤް މުޙައްމަދާއި  ލ. އަތޮޅު އެކްޓިންގ ކޮމާންޑަރ  ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ޙަމީދުގެ އިތުރުން  ލ. އަތޮޅު ފެނަކަ އޮފީހުގެ އިސްވެރިން ބައިވެރިވެފައިވެއެވެ.