
ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކ. ހިންމަފުއްޓާއި ހުރާގައި ކުރިއަށް ގެންގޮސްފިއެވެ.
އެގޮތުން ކ. ހުރާ ޕޮލިސް ޑެސްކާއި ހުރާ ކައުންސިލް ގުޅިގެން، އެރަށުގައިހުރި ގެސްޓު ހައުސް ތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވާއިރު ހިންމަފުށި ޕޮލިސް ސްޓޭޝަނާއި ހިންމަފުށި ކައުންސިލް ގުޅިގެން، އެރަށުގައި ހުރި ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މިވަނީ ކުރިއަށް ގެންގޮސްފައެވެ.
ޖަނަވަރީ 28ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިޕްރޮގްރާމްތަކުގައި، އިމަރޖެންސީ ޙާލަތެއް ނުވަތަ ހާދިސާއެއް ދިމާވެއްޖެނަމަ ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި ޢަމަލުކުރަންވީ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ގެސްޓް ހައުސްތަކުގައި ސީސީޓީވީ ހަރުކުރުމާއި ސެކިއުރިޓީ ބެލެހެއްޓުމުގައި މިހާރަށްވުރެ ފަރުވާތެރިވުމާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވިދާނެކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
އަދި ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިން ރާއްޖޭގެ މާޙައުލަށް ހޭލުންތެރިކުރުވުމާއި ސްނޯކްލިން އާއި ޑައިވިންގ ކުރުމުގައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި މިހާރު އެޅިފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
މި ޕްރޮގްރާމުގެ ތެރެއިން ގެސްޓް ހައުސްތަކުގެ ވެރިންނާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން އެރަށްރަށުގައި ފެރީގެ ޚިދުމަތްދޭ ފަރާތްތަކަށްވެސް ވަނީ މަޢުލޫމާތު ދީފައެވެ.