viber image

 ހުޅުމާލޭގައި ހުރި ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި ޕޮލިސް އެކަޑަމީ ގުޅިގެން ކުރިއަށް ގެންދިޔަ ސެލްފް ޑިފެންސް ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ސެޓްފިކެޓްދީފިއެވެ.

ޖަނަވަރީ 14ން 17ށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެ ހުޅުމާލޭގައެވެ.

 މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަހުމާނާއި، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީ އާއި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފެވެ.

މިޕްރޮގްރާމްގައި، ޓްރީޓޮޕް ހޮސްޕިޓަލާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި އައިލެންޑް އޭވިއޭޝަނާއި އެންސިސް ގްރޫޕްގެ އިތުރުން ސްޓެލްކޯގެ ސެކިއުރިޓީ އޮފިސަރުން ހިމެނޭގޮތަށް 52 މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވީ ޕޮލިސް އެކަޑަމީގެ ޓްރެއިނަރުންނެވެ.

ހުޅުމާލޭގައި މަސައްކަތްކުރާ ސެކިއުރިޓީ އޮފިސަރުންނާ ފުލުހުންނާ އޮންނަގުޅުން ހަރުދަނާ ކުރުމާއި ކުށްތަކުން ސަލާމަތްވުމަށާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ މިޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި، ކުންފުނިތަކުގެ ވަރަށްބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ.

ސެކިއުރިޓީ އޮފިސަރުންނަށް އަމާޒުކޮށް ސެލްފް  ޑިފެންސް ޕްރޮގްރާމެއް، މިޖަނަވަރީ މަހު ލ. އަތޮޅުގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.