viber image

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ހިންގި ދެއޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއިއެކު ތިންމީހަކު މާލެއިން ހައްޔަރުކޮށްފިއެވެ.

މި ދެއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ ދިވެހި ފިރިހެނަކާއި 31 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 28 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

މި ތިންމީހުންގެ ތެރެއިން  47 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅޭ ކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށްް ލިބުމާއި ގުޅިގެން ހިންގި އޮޕަރެޝަނެއްގައެވެ. ޖަނަވަރީ 16 ވަނަ ދުވަހުގެ 13:30 ހާއިރު ހިންގި މިއޮޕަރޭޝަންގައި، މިމީހާ މަސައްކަތްކުރާ ބޯޓު މާލެ އައުމުން ބަލައިފާސްކުރިކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

އަދި މިމައްސަލައިގައި އިތުރު ދިވެއްސަކު ޝާމިލްވާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ޖަނަވަރީ 16 ވަނަ ދުވަހު ހިންގި އިތުރު އޮޕަރޭޝަނެއްގައި، 31 އަހަރުގެ މީހަކު ލޯކަލް މާރުކޭޓް ސަރަޙަދުން ވަނީ ހައްޔަރުކޮށްފައެވެ.

މީގެއިތުރުން ޖަނަވަރީ 16 ވަނަ ދުވަހުގެ 00:00 ހާއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން 28 އަހަރުގެ ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ މިމީހާގެ ލަގެޖް ކަސްޓަމުން ސްކޭންކުރި އިރު މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައިފާސްކުރުމުން، މަނާބޭސް ކަމަށް ބެލެވޭ 1936 ގުޅަ ބޭސް ފެނުމާއި ގުޅިގެންނެވެ.

މި ދެމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތެއް ތިން މީހުންނަށްވެސް ދީފައިވެއެވެ.

މި މައްސަލަ ޑްރަގް އެންފޯސްޓްމަންޓް ޑިޕާރޓްމަންޓުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.