ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތައް --
ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތައް --

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ. ހޮޅުދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

ނ. ހޮޅުދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް އާއްމުފަރާތަކުންދިން މަޢުލޫމަތަކާއި ގުޅިގެން ނ. ހޮޅުދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ޖެނުވަރީ 11 ވަނަ ދުވަހުރޭ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ލޯޗު ހޮޅުދޫ ހުޅަނގުފަރާތުގެ ގޮނޑުދޮށަށް ކައިރިކުރި ވަގުތުއެވެ.

މިމީހާ ހުއްޓުވައި ބަލައިފާސްކުރަންއުޅުމުން އޭނާގެ އަތުގައި އޮތް ސިނގިރޭޓް ފޮއްޓެއް ވަނީ އެއްލާލާފައެވެ. އަދި އޭނާގެ ހާޒިރުގައި އެފޮށި ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 143 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީ އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތެއްދީފައިވެއެވެ.

މި މައްސަލަ ނ.ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުޤީޤުކުރަމުންނެވެ.