Male drug

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންްޓުން ހިންގި އޮޕަރޭޝަނެއްގައި، މާލޭގެ ތިން ގެއެއް ބަލައިފާސްކޮށް ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ދެ ފިރިހެނުންނެވެ.

މި ތިން މީހުން އިތުރު ބަޔަކާއި ގުޅިގެން މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޖަނަވަރީމަހުގެ 8 ވަނަ ދުވަހުު ޑްރަގް އެންފޯސްޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި، 24 އަހަރުގެ މީހަކު ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރުމުންް، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ދެ ކޮތަޅާއި ފިލްމު ހުސްކުރި 15 ދަޅާއި ފަސް ރަބަރުގަނޑުގެ އިތުރުން 1077 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މީގެ އިތުރުން ފުލުހުން ހިންގި މިއޮޕަރޭޝަނެއްގައި 32 އަހަރުގެ މީހާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި  ޖޫސްޕެޓީ ދެ ކޮތަޅާއި ފިލްމު ހުސްކުރި ހަތަރު ދަޅު ފެނިފައިވެއެވެ. އަދި މިމައްސަލައާއި ގުޅިގެން 24 އަހަރުގެ މީހަކު ދިރިއުޅޭގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރުމުންް، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅަކާއި  ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްް ހުރި ފުޅިއެއް ފެނިފައިވެއެވެ.

މިއޮޕަރޭޝަނާއި ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާއިމެދު ގޮތެއް ނިނަމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް 24 އަހަރުގެ އެކަކަށް ދީފައިވާއިރު 32 އަހަރުގެ މީހާއަށް 10 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ. އަދި 24 އަހަރުގެ އަނެއް މީހާ ކޯޓުންވަނީ ދޫކޮށްލާފައެވެ.

މި މައްސަލަ ޑްރަގް އެންފޯސްޓްމަންޓް ޑިޕާރޓްމަންޓުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.