Laamu

ޕޮލިސް އެކެޑެމީއާއި ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަން ގުޅިގެން ލ. އަތޮޅުގައި ކުރިއަށް ގެންދިޔަ ސެލްފް ޑިފެންސް ޕްރޮގްރާމް ނިންމާލައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ޖަނަވަރީ މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މި މަހުގެ 8ވަނަ ދުވަހު ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ ގުރަހަ މާލަމުގައެވެ.

މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އިބްރާހީމް ޝަހީމް އާއި ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަން ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް މުސްތާޤް މުޙައްމަދު އަދި ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ ޑައިރެކްޓަރ ޢަބްދުލް ޙަންނާނު އަބްދުއްރަޙީމްއެވެ.

މިޕްރޮގްރާމްގައި، ލ. ގަން، ފޮނަދޫ އަދި ކައްދޫގައި ހުރި ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނާއި މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ސެކިއުރިޓީ އޮފިސަރުން ހިމެނޭގޮތަށް 39 މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވީ ޕޮލިސް އެކެޑަމީގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ.

Laamu Atoll

ކޮމިއުނިޓީއާއި މުއައްސަސާތަކާއި އޮންނަގުޅުން ހަރުދަނާ ކުރުމާއި ކުށްތަކުން ސަލާމަތްވުމަށާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ މިޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބިފައިވެއެވެ. އަދި ލ. އަތޮޅުގައި ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރު ޕްރޮގްރާމްތަކެއް ހިންގުމަށް ވެސްވަނީ ރާވާފައެވެ