CIC Meeting

އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.

އިއްޔެ މެންދުރުފަހު އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި ތަޙްޤީޤުކުރުމުގެ ދާއިރާއަކީ ފުލުހުންގެ މުއައްސަސާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން ރައްޔިތުންނާ އެންމެ ގުޅުންހުރި އަދި އެންމެ މުހިންމު އެއް ޚިދުމަތްކަން ފާހަގަކުރައްވައި، ތަޙްޤީޤުކުރުމުގެ ދާއިރާއާ ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރިކަމަށް ވިދާޅުވިއެވެ. އަދި ތަޙްޤީޤު ކުރުމުގެ ދާއިރާގައި ދަތިތަކެއް އެބަހުރިކަން ފާހަގަކުރައްވައި، ތަޙްޤީޤު ދާއިރާގެ މަސައްކަތްތައް ރަނގަޅުކުރެއްވުމަށް ރައްޔިތުންގެ ބައިވެރިވުމާއެކު މަސައްކަތްތައް ކުރިއަށް ގެންދަވާކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ތަޙްޤީޤު ދާއިރާގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކުވެސް ޕްރޮފެޝަނަލްކަމާއެކު މަސައްކުރެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންނާއި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ވެރިންނާއި އެކޮމާންޑްގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.