nilandhoo

ކުށްމަދު ކުރުމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ފ.ނިލަންދޫގެ ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ޖަނަވަރީ މަހުގެ 06ން 07ށް ނިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި މި ޕްރޮގްރާމްގައި، ކުށްމަދު ކުރުމާއި ގުޅޭގޮތުންނާއި ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ފައިސާ ގެންގުޅުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ފިހާރައާއި މުދަލުގެ ރައްކާތެރިކަމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި  މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދިނުމާއި ފިހާރަ އާއި މުދަލުގެ ރައްކާތެރިކަމަށްޓަކައި ސީސީޓީވީ ހަރުކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން އާންމުކޮށް ހިނގާ ކުށްތަކަކީ ކޮބައިކަމާއި އެފަދަ ކުށްތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ނިލަންދޫގެ ފިހާރަތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ. ފ.އަތޮޅުގެ ރައްޔިތުން ހޭލުންތެރިކުރުމަށް ނިލަންދޫ ޕޮލިސް ސްޓޭޝަނުން މިއަހަރުވެސް ތަފާތު ޕްރޮގްރާމްތައް ހިންގުމަށްވަނީ ރާވާފައެވެ.