Drivers

ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން، ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށް މިނިސްޓްރީ އޮފް ހެލްތުން ހިންގާ ފަސްޓް ރެސްޕޮންޑަރ ޓްރެއިނިންގ ޕްރޮގްރާމް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އިފްތިތާހު ކޮށްދެއްވައިފިއެވެ.

ސްޓެލްކޯގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، މިޓްރެއިނިންގ ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވާ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓައި އަމާންކަން ޤާއިމްކުުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނެ ބަޔަކީ ޓެކްސީ ޑްރައިވަރުންކަން ފާހަގަ ކުރެއްވިއެވެ. އަދި  ޓެކްސީ ޑްރައިވަރުންނަކީ މަގުމަތީގައި ހިނގާ ކަންކަން ފެންނާނެ ބަޔަކަށް ވާހިނދު ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ޓެކްސީ ޑްރައިވަރުންގެ އެހީތެރިކަން ވަރަށް މުހިންމުކަމާއި، މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް ރިޕޯޓުކުރުމާއި އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރެއްވިއެވެ.

Drivers2

 މީގެއިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި ކަންކަން ހަރުދަނާ ކުރުމަށް ޓެކްސީ ޑްރައިވަރުންގެ ދައުރު ވަަރަށް ބޮޑުކަން ފާހަގަކުރެއްވިއެވެ. އަދި ފުރަތަމަ އެހީގެ ހަތް ގަޑިއިރުގެ ޓްރެއިންގ ޕްރޮގްރާމްގެ އިތުރުން މަގުމަތީގެ ޤަވާއިދުތަކަށް އަހުލުވެރި ކުރުވުމަށް އެއްގަޑިއިރުގެ ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމުގައި ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކު މަގުމަތި ބޭނުންކުރަމުންދާ ފަރާތްތަކުން އެއްބަޔަކު އަނެއް ބަޔަކަށް ދަތި ނުވާނެ ފަދަ ގޮތަކަށް މަގުމަތި ބޭނުންކުރުމަށް އިލްޠިމާސް ކުރެއްވިއެވެ. އަދި މި ޓްރެއިނިންގ ޕްރޮގްރާމުން  ދަސްވާ  އެއްޗެއްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޓެކްސީ ޑްރައިވަރުންގެ ކިބައިން އެދިލެއްވިއެވެ.

މިރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން އާއި މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިންނާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ އިސްވެރިންނާއި ޓެކްސީ ސެންޓަރުތަކުގެ ވެރިންނާއި ޓެކްސީ ޑްރައިވަރުން ބައިވެރިވެލެއްވިއެވެ.