އައު އަހަރާ ދިމާކޮށް ޚާއްސަ މަސައްކަތްތަކެއް މިރޭ ފަށަނީ

ޕޮލިސް ސްޓާފް ސަރޖަންޓް ޖާވިދު އިސްމާޢީލް
ހައިވޭގައި ޓްރެފިކް ފުލުހުން ހަރަކާތްތެރިވަނީ --
ހައިވޭގައި ޓްރެފިކް ފުލުހުން ހަރަކާތްތެރިވަނީ --

 

 

އައު އަހަރާ ދިމާކޮށް އިންޓާނަލް ސެކިއުރިޓީ ކޮމާންޑުގައި ހިމެނޭ ޑިޕާޓްމަންޓްތަކުން ހާއްސަ މަސައްކަތްތަކެއް މިރޭ ފަށާނެއެވެ.

އެގޮތުން މާލެ ސިޓީ ޕޮލިސް އާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން މިރޭ ހާއްސަ މަސައްކަތްތަކެއް ކުރަން ހަމަޖެހިފައިވާއިރު މި މަސައްކަތްތަކުގެ ތެރެއިން މާލެ، ހުޅުމާލޭ އަދި ވިލިމާލޭގައި ފުލުހުން ހަރަކާތްތެރިވަމުންދާނެއެވެ.

މިމަސައްކަތްތަކުގެ ތެރެއިން ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން  މާލޭގެ އެކި ސަރަޙައްދުތަކުގެ އިތުރުން ބްރިޖާއި ހަވައިވޭ އާއި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ވެހިކަލް ޗެކް ޕޮއިންޓްތައް ޤާއިމްކޮށް، އެއްގަމު އުޅަނދު ބަލައިފާސްކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މާލޭ ސިޓީގައި މަސައްކަތްކުރާ ފުލުހުން މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ހަރަކާތްތެރިވާއިރު ތުހުމަތުކުރެވޭ ފަރާތްތައް ބަލައިފާސްކުރުމާއި، ފާހަގަކުރެއްވޭ ސަރަޙައްދުތައް ބަލައިފާސްކުރުމަށްވަނީ ހަމަޖެހިފައެވެ.

އައުއަހަރާ ދިމާކޮށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުންވެސް ވަނީ ޑިސެމްބަރު 27 ވަނަ ދުވަހު ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ. އައު އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ މި މަސައްކަތްތަކަކީ  މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އަމާން ރައްކާތެރި މާހައުލެއް ޤާއިމްކުރުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.