viber image

 ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ ދެ މައްސަލައަކާ ގުޅިގެން ކުޅުދުއްފުށިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ  27 އަހަރުގެ ދެ ފިރިހެނުންނާއި 18 އަހަރުގެ ފިރިހެނެކެވެ.

މި ދެމީހުންގެ ތެރެއިން 18 އަހަރުގެ މީހާއާއި 27 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ގެއަކުން ގިނަ ޢަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވަގަށް ނަގާފައިވާކަމަށް ބުނެ ޑިސެންބަރު 27 ވަނަ ދުވަހު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގެ ތުހުމަތުގައެވެ.  މިމައްސަލައާއި ގުޅިގެން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ވަނީ، ވަގަށް ނަގާފައިވާކަމަށް ބެލެވޭ އިލެކްޓްރޯނިކްސް ސާމާނުތައް ހޯދާފައެެވެ.

މިތަކެތީގެ ތެރޭގައި ހިމެނެނީ ލެޕްޓޮޕަކާއި ލެޕްޓޮޕް ޗާޖަރާއި ޓެބްލެޓަކާއި މޯބައިލް ފޯނުތަކެއްގެ އިތުރުން ޕެންޑްރައިވް ތަކަކާއި މެމޮރީ ކާޑުތަކެކެވެ. މިތަކެތި ހޯދާފައިވަނީ ޑިސެންބަރު 27 ވަނަ ދުވަހުގެރޭ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި، މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުން ދިރިއުޅެމުންދާ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 12 ދުވަހުގެ މުއްދަތުވަނީ ދީފައެވެ.

ހައްޔަރުކޮށްފައިވާ ތިން މީހުންގެ ތެރެއިން 27 އަހަރުގެ އިތުރު މީހަކުވެސް މިވަނީ ހައްޔަރުކޮށްފައެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ  ކުޅުދުއްފުށީ ފިހާރައެއް ކައިރީގައި ޕާކުކޮށްފައިހުރި ސައިކަލެއްގެ ސައިޑް ޕޮކެޓުގައި އޮތް ވޮލެޓެއް ވަގަށްނަގާފައިވާ ކަމަށްބުނެ ޑިސެންބަރު 29 ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ކޯޓު އަމުރެއްގެ ދަށުން މިމީހާ ހައްޔަރުކޮށް، ތުހުމަތުކުރެވޭ ސަރަޙައްދުތައް ބަލައިފާސްކުރިއިރު އެރަށުގެ ފަޅު ގެއެއްގެ ތެރެއިން ވަނީ ވަގަށް ނަގާފައިވާ ވޮލެޓް ފެނިފައެވެ. މި ވޮލެޓްގައި ކޭޝް ކާޑާއި އައިޑީ ކާޑުގެ އިތުރުން 7000 ރުފިޔާ އޮތެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓަށް ހާޒުރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މި ދެ މައްސަލަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.