viber image

ކުށްމަދުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދ.ކުޑަހުވަދޫގެ ވިޔަފާރިވެރިންނަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.

ޑިސެމްބަރ 25ވަނަ ދުވަހުފެށި މިޕްރޮގްރާމްގައި، ކުޑަހުވަދޫގައި ވިޔަފާރިކުރާ ހުރިހާ ފިހާރައަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ވައްކަންކުރާ ފަރާތްތަކަށް ފުރުޞަތު ކުޑަކުރުމުގެ ގޮތުން، ފައިސާ ގެންގުޅުމުގައި ސަމާލުވުމާއި، ފިހާރަ ބަންދުކުރާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމާއި، ފިހާރަ ބަންދުކުރާއިރު ފިހާރައިގައި އަލިކަމެއް ބެހެއްޓުމާއި،ފިހާރަ ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކުރުމާއި، ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދު ދިނުމަށް ހަމަޖެހިފައިވެއެވެ.

 މީގެއިތުރުން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކަށް  ސަމާލުކަން ދިނުމާއި، ބެންކު އެކައުންޓާއި ކޭޝްކާޑްގައިވާ މަޢުލޫމާތު ހިއްސާ ނުކުރުމާއި އެފަދަ  ކަންކަމަށް ސަމާލުކަންދިނުމާއި، ތުހުމަތު ކުރެވޭ ފަރާތްތަކުގެ ޢަމަލުތައް ހުންނާނޭ ގޮތުގެ މަޢުލޫމާދު ދިނުމާއި، ކަމެއް ދިމާވާ ހާލަތުގައި ފުލުހުންނާއި ގުޅާނެ ނަންބަރު ހިއްސާކޮށް ފިހާރަތަކާއި ގުޅޭނެ ނަންބަރު ހޯދާފައިވެއެވެ.

ރަށްރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިން ހޭލުންތެރިކުރުމުގެ ގޮތުން ފުލުހުން ދަނީ މިފަދަ ޕްރޮގްރާމްތައް ސިލްސިލާކޮށް ހިންގަމުންނެވެ.