taxi drivers1

މާލޭގައި ޓެކްސީގެ ޚިދުމަތް ދެމުންގެންދާ ސެންޓަރުތަކުގެ ޑްރައިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ “ޓެކްސީ ޑްރައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް” ގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

  ހުސްވި ނޮވެމްބަރު މަހުގެ 24 ވަަނަ ދުވަހުން ފެށިގެން ޑިސެމްބަރ 3 ވަނަ ދުވަހުގެ ނިޔަލަށް ޓްރެފިކް ޕޮލިސްގެ ރޯޑް ސޭފްޓީ ޔުނިޓުން ކުރިއަށްގެންދިޔަ މިޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މި ޑިސެމްބަރ 3 ވަނަ ދުވަހުގެރޭ އިސްކަންދަރުކޮށި މަލްޓި ޕަރޕަސް ހޯލްގައި ބާއްވާފައިވާއިރު މިރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އިންޓަރނަލް ސެކިއުރިޓީ ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފްއެވެ.

މިރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނު ދެއްކެވި ވާހަކަފުޅުގައި، މިނިދިޔަ ޕްރޮގްރާމުގެ ސަބަބުން ދަސްވި އެއްޗެހީގެ ބޭނުން ޢަމަލީ މައިދާނުގައި ހިފުމަށާއި، އަދި ލިބުނު މަޢުލޫމާތު އެހެން ޑްރައިވަރުންނަށް ހިއްސާކޮށްދެއްވުމަށް، ހަމަ އެހެންމެ މީހުންގެ އަގު ބޮޑެތި ސާމާނުތައް ޓެކްސީއަށް ދޫކޮށްލެވިފައިދާ ކަމާއި އެފަދަ ތަކެތި އަމާނާތްތެރިކަމާއި ރައްކާތެރިކަމާއި އެކު އޭގެ ވެރިފަރާތަށް ރައްދުކޮށްދިނުމަށްވެސް އެދިވަޑައިގެންނެވިއެވެ.

taxi drivers2

މި ޕްރޮގްރާމް 70 ބައިވެރިޔަކު ފުރިހަމަ ކޮށްފައިވާއިރު، ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިންޓަރނަލް ސެކިއުރިޓީ ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރުއެވެ.

ޓެކްސީ ޓްރައިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމަކީ އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގައި ކިޔަވައި ދެއްވަނީ ޓްރެފިކް ޕޮލިސިންގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ފުލުހުން ނެވެ.