viber image

ކުށްމަދުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތ.ގުރައިދޫގެ ވިޔަފާރިވެރިންނަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ގުރައިދޫ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.

މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި، ގުރައިދޫގައި ވިޔަފާރިކުރާ ހުރިހާ ފިހާރައަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ވައްކަންކުރާ ފަރާތްތަކަށް ފުރުޞަތު ކުޑަކުރުމުގެ ގޮތުން، ފިހާރަތަކަށް ވަދެނުކުމެވޭ ގޮތަށް ހުރި ދޮރުތަކުގެ ހާލަތު ބަލައި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމަށް އިރުޝާދުދިނުމާއި، ފައިސާ ގެންގުޅުމުގައި ސަމާލުވުމާއި، ފިހާރަ ބަންދުކުރާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމާއި، ފިހާރަ ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކުރުމާއި، ފައިސާގެ ވަގުނޫޓު ދެނެގަންނާނެ ގޮތް އޮޅުންފިލުވައި ދިނުމުގެ އިތުރުން ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މުހިންމު ކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

އަދި މީގެއިތުރުން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމާއި، ބެންކު އެކައުންޓާއި ކޭޝްކަރޑްގައިވާ މަޢުލޫމާތު ހިއްސާ ނުކުރުމާއި އެފަދަ ކަންކަމަށް ސަމާލުކަންދިނުމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމަށް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.