dhiyamigili

ކުށްމަދުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެތެރެއިން،ތ.ދިޔަމިގިލި ވިޔަފާރިވެރިންނަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ތ.ދިޔަމިގިލީ ޕޮލިސް ޓެސްކް އިން ކުރިއަށް ގެންގޮސްފިއެވެ.

މި ނޮވެމްބަރ 29 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ދިޔަމިގިލީގައި  ވިޔަފާރިކުރާ ހުރިހާ ފިހާރައަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދެވިފައިވެއެވެ. އެގޮތުން ވައްކަންކުރާ ފަރާތްތަކަށް ފުރުޞަތު ކުޑަކުރުމުގެ ގޮތުން، ފައިސާ ގެންގުޅުމުގައި ސަމާލުވުމާއި، ފިހާރަ ބަންދުކުރާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމާއި، ފިހާރަ ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކުރުމާއި، ފައިސާގެ ވަގުނޫޓު ދެނެގަންނާނެ ގޮތް އޮޅުންފިލުވައި ދިނުމުގެ އިތުރުން ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދު ދީފައިވެއެވެ.

އަދި މީގެއިތުރުން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމާއި، އެކައުންޓާއި ކޭޝްކާރޑްގައިވާ މަޢުލޫމާތު ހޯދަމުންދާ މައްސަލަތަކާއި 18 އަހަރު ނުފުރޭ ކުޑަކުދިންނަށް ދުންފަތުގެ ބާވަތްތައް ނުވިއްކުމަށް ވިޔަާފާރިވެރިންނަށް މަޢުލޫމާތު ދެވިފައިވެއެވެ އަދި ތެލުގެ ވިޔަފާރި ކުރާފަރާތްތަކުން ތެޔޮ ރައްކާކުރެވިފައިވާ ސަރަހައްދަކީ އަލިފާނާއި ދުރު ސަރަހައްދެއްކަމުގައި ހެދުމާއި އަލިފާން ނިއްވާ އާލާތްތައް ރަގަޅަށް ހުރިތޯބެލުމަށް ނަސޭހަތް ތެރިވެފައިވެއެވެ..

ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމަށް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.