PoliceBadge

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓު އެޅުމަށް، ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމުން، އެކި ފަރާތްތަކުގެ އަތުން ބޮޑު ޢަދަދުތަކުން ފައިސާ ނަގާ ހައުސިންގ ޔުނިޓްތައް އަޅައިނުދީ މަކަރާއި ޙީލަތް ހަދާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

މިމައްސަލައިގެ ތަޙުޤީޤުގައި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް ދަޢުވާ ކުރުމަށް ވަރަށް ގިނަ ފަރާތްތަކުން މައްސަލަ ހުށަހަޅާފައިވެއެވެ. އަދި މިހާތަނަށް މައްސަލަ ހުށަހަޅާފައިވާ ފަރާތްތަކުގެ އިތުރުންވެސް މިމައްސަލައިގައި ގެއްލުން ލިބިފައިވާ، ބަޔަކު ތިބިކަމަށް މި މައްސަަލައިގެ ތަޙްޤީޤުން މިހާތަނަށް ޤަބޫލުކުރެވެއެވެ.

އެހެންކަމުން އެޕާރޓްމަންޓްތައް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް މިފަދަ މައްސަލައެއް ކުރިމަތިވެފައިވޭތޯ ބެލުމަށް ބޭނުންވާތީ  ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި އެފަރާތްތަކާއި ދެމެދު ލިޔެކިޔުމުން ކުރެވިފައިވާ މުޢާމަލާތްތަކާއިއެކު، މިސަރވިސްއަށް މައްސަލަ ހުށަހެޅުމަށް އިލްޠިމާސްކުރަމެވެ.