chutty1

މި ދުވަސްވަރަކީ ސްކޫލުތަކުގެ ކިޔެވުން ނިމި ސްކޫލުތައް ބަންދުވުމާއެކު ލިބޭ ބޮޑު ޗުއްޓީގައި ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ނުވަތަ އަތޮޅު ތެރެއަށް ދަތުރުކޮށް އާއިލާއާއެކު ޗުއްޓީ ހޭދަކުރުމުގައި ހޭދަކުރާ ދުވަސްވަރެވެ.

 ޗުއްޓީއަށް ދިޔުމުގެ ކުރިން ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް އިސްކަންދިނުމާއި، ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިންމުކަމެވެ.

އެގޮތުން ޗުއްޓީއަށް ދިއުމުގެ ކުރިން، ގޭގައި ހުންނަ އަގުބޮޑެތި އަދި ފަސޭހައިން އުފުލައި ގެންގުޅެވޭ ޒާތުގެ ތަކެތި ރައްކާކުރުމާއި ގޭގައި ފައިސާ ރައްކާކުރުމުގެ ބަދަލުގައި ބެންކަށް ފައިސާ ޖަމާކުރުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ. އަދި ޕާސްޕޯޓާއި އައިޑީ ކާޑު އަދި ކޭޝްކާޑު ފަދަ މުހިންމު ތަކެތި ހާމަތަންތަނުގައި ނުބަހައްޓައި ރައްކާކުރުމަކީ މުހިންމުކަމެކެވެ

މީގެއިތުރުން ދިރިއުޅެމުންދާ ގެ ނުވަތަ އެޕާޓްމަންޓް ހުސްކޮށް ބަހައްޓާފައި ރަށުން ބޭރަށް ދާނަމަ އިތުބާރުކުރެވޭ ޒިންމާދާރު ފަރާތަކާއި ގެ ބަލަހައްޓަން ހަވާލުކުރުމާއި ގޭގައި އެކަށީގެންވާ އަލިކަމެއް ބެހެއްޓުމަކީ ސަމާލުކަންދޭންޖެހޭ މުހިންމު ކަމެކެވެ. އަދި ގެއަށް ފަސޭހައިން ވަދެވޭގޮތަށް ހުރި ތަންތަން ރަނގަޅަށް ބަންދުކުރުމަކީވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ މުހިއްމު ފިޔަވަޅެކެވެ. އަދި ގެއިން ބޭރުގައި ބަހައްޓާފައިހުންނަ ބޫޓު ނުވަތަ ފައިވާން ފަދަ ތަކެތީގެ ތެރޭގައި ތަޅުދަނޑި ފަދަތަކެތި ރައްކާނުކުރުމާއި ގޭގެ އެއްވެސް ދޮރެއްގެ ތަޅު ހަލާކުވެފައި ހުރިނަމަ ތަޅު ބަދަލުކޮށް ތަޅުދަނޑި ފަދަ ތަކެތި އިތުބާރުކުރެވޭ ޒިންމާދާރު ފަރާތެއްގެ އަތުގައި ރައްކާކުރުމަކީވެސް ކުރެވިދާނެކަމެކެވެ.

އަދި ހަމައެހެންމެ ކަރަންޓު ޝޯޓުވުން ނުވަތަ ގޭސް ލީކުވުން ފަދަ ނުރައްކާތެރި ހާދިސާއެއް ހިނގުމަށް މެދުވެރިވެދާނެ ފަދަ ކަމެއް ހުރިތޯ ރަނގަޅަށް ބެލުމަކީވެސް ކުރަންޖެހޭ ކަމެކެވެ. އެގޮތުން ދިިރިއުޅެމުންދާ އެޕާޓްމަންޓް ހުސްކޮށްފައި ދާކަމުގައި ވާނަމަ ގޭސްފުޅި ނައްޓާލުމާއި، އިލެކްޓްރިކް އަދި އިލެކްޓްރޯނިކް ސާމާނުން ކަރަންޓު ކަނޑާލުމަކީ ވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ.

އަދި މީގެއިތުރުން ޗުއްޓީ ދުވަސްވަރު ރަށްރަށަށް ދަތުރު ދިއުމާއި މަސްދަތުރު ދިއުންފަދަ ކަންކަމާއި  މޫދަށް އެރި އުޅުމުގައިވެސް ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމާއި ކުޑަކުދިން އެކަނި ގޮނޑުދޮށަށް ދޫކޮށްނުލުމަށް އިލްތިމާސްކުރަމެވެ.