IMG_2988

 ނޮވެމްބަރ 12ވަނަ ދުވަހު ސްކޫލްތަކުން ފާހަގަކުރާ ޕްރޮފެޝަނަލް ޑޭ އާއި ގުޅިގެން ރ.އަތޮޅުގެ ތިން ރަށެއްގައި ފުލުހުން ޕްރޮގްރާމްތަކެއް ހިންގައިފިއެވެ.

އެގޮތުން މިމަހުގެ 12  ވަނަދުވަހު ރ.މަޑުއްވަރީ ސްކޫލްގެ ގްރޭޑް 1ން ގްރޭޑް 6ށް ތަޢުލީމް ޙާސިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށް މަޑުއްވަރި ޕޮލިސް ސްޓޭޝަނުން ހިންގި ޕްރޮގްރާމްގައި، ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގައި ފުލުހުން ޢަމަލުކުރާގޮތް ދަރިވަރުންނަށްވަނީ ކިޔައިދީފައެވެ. މިގޮތުން ފިންގަރ ޕްރިންޓް ލިފްޓްކުރާ ގޮތުގެ އިތުރުން ސީން ޕްރޮސެސް ކުރާނެގޮތް ދަރިވަރުންނަށް ކިޔައިދީފައިވެއެވެ. މަޑުއްވަރި ޕޮލިސް ސްޓޭޝަނާއި މަޑުއްވަރި ސްކޫލް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެ ސްކޫލްގެ 65 ދަރިވަރުން ބައިވެރިވެފައިވެއެވެ.

ޕްރޮފެޝަނަލް ޑޭއާއި ގުޅިގެން މިމަހުގެ 13 ވަނަދުވަހު ރ. މީދޫ ޕޮލިސް ސްޓޭޝަނުންވެސް މިވަނީ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މީދޫ ޕްރީ ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ކިޔެވުމާއި އައުޓް ޑޯ ހަރަކާތްތަކުގެ އިތުރުން ރިވެތި އަޚްލާގް ކުދިންނަށް ކިޔައިދީފައިވެއެވެ. އަދި ދީނީ ކަންތައްތައް އޮޅުންފިލުވައިދިނުމުގެ އިތުރުން ދަރިވަރުން މޫދަށް އަހުލުވެރިކުރުވުމަށް މޫދު ޙަރަކާތްތަކެއްވެސް ކުރިއަސް ގެންގޮސްފައިވެއެވެ.

ކޭމްޕެއް ގޮތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި، މީދޫ ޕްރީ ސްކޫލްގެ 56 ދަރިވަރުން ބައިވެރިވެފައިވާއިރު ދަރިވަރުންނަށް މަޢުލޫމާތުދީފައިވަނި މީދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި ޕްރީ ސްކޫލް  ޓީޗަރުންނެވެ.

މިމަހުގެ 16ވަނަ ދުވަހު ރ.އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން މިވަނީ ޕްރޮފެޝަނަލް ޑޭ އާއި ގުޅިގެން އިނގުރައިދޫ ޕްރީ ސްކޫލް ދަރިވަރުނާއި ބައްދަލުކޮށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ދަރިވަރުންގެ އުމުރާއި އެކަށީގެންވާގޮތަށް މަޢުލޫމާތު ދީފައެވެ. އެގޮތުން  ފުލުހުނަށް ހުށަހެޅޭ މައްސަލަތަކުގައި ފުލުހުން ޢަމަލުކުރާގޮތާއި ފުލުހުން ބޭނުން ކުރާ ބައެއް އާލާތްތައް ދަރިވަރުންނަށް ދައްކާ އޭގެ މަޢުލޫމާތު ދީފައިވެއެވެ. މި ޕްރޮގްރާމުގައި، އިންގުރައިދޫ ޕްރީސްކޫލްގެ 50 ދަރިވަރުން ބައިވެރިވެފައިވެއެވެ.