hithadhoo

ކުށްމަދުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެތެރެއިން، އައްޑޫ ސިޓީ ހިތަދޫގެ ވިޔަފާރިވެރިންނަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިތަދޫ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.

ކުށްމަދުކުރުމަށް ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމް ތަކުގެ ތެރެއިން މިއަދު ފެށި މި ޕްރޮގްރާމްގައި، ހިތަދޫގައި ވިޔަފާރިކުރާ ހުރިހާ ފިހާރައަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ވައްކަންކުރާ ފަރާތްތަކަށް ފުރުޞަތު ކުޑަކުރުމުގެ ގޮތުން، ފައިސާ ގެންގުޅުމުގައި ސަމާލުވުމާއި، ފިހާރަ ބަންދުކުރާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމާއި، ފިހާރަ ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކުރުމާއި، ފައިސާގެ ވަގުނޫޓު ދެނެގަންނާނެ ގޮތް އޮޅުންފިލުވައި ދިނުމުގެ އިތުރުން ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދު ދީފައިވެއެވެ.

އަދި މީގެއިތުރުން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމާއި، އެކައުންޓާއި ކޭޝްކާރޑްގައިވާ މަޢުލޫމާތު ހޯދަމުންދާ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތުދީ ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމަށް ހަމަޖެހިފައިވެއެވެ.

ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމަށް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.