viber image

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގއ.ވިލިނގިލި ޕޮލިސް ސްޓޭޝަނުން ރަށުތެރެ ޕެޓްރޯލް ކުރަމުންދަނިކޮށް މަސްތުވާތަކެތި ގެންގުޅޭކަމަށް ޝައްކުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 25 އަހަރުގެ މީހެކެވެ. ނޮވެމްބަރ 7 ވަނަ ދުވަހުގެރޭ 19:38 ހާއިރު ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް މި މީހާ ފެނުމާއެކު، އޭނާގެ ޢަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ގެންގުޅޭކަމަށް ޝައްކުކުރެވިގެން މިމީހާ ހުއްޓުވައި ބަލައިފާސްކުރަން އުޅުމުން މަގުމައްޗަށް އެއްޗެއް އެއްލައިލުމުން އެ ނަގާބެލިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ދެ ރަބަރު ކޮޅު ފެނިފައިވެއެވެ.

މިމީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ މިމީހާ ދޫކޮށްލާފައެވެ.

މިމައްސަލަ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.