viber image

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ޝައްކުކުރެވޭ ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުވައްމުލަކުގައި ބަނގުރާ އުފައްދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ފިރިހެނެކެވެ.

ނޮވެމްބަރ 7ވަނަ ދުވަހުގެ 02:40 ހާއިރު ހިންގި މިއޮޕަރޭޝަންގައި، މީނާ ދިރިއުޅޭ ގެ ބަލައިފާސްކުރި ކުރުމުން ބަނގުރާ އުފެއްދުމަށް ބޭނުންކުރާ  ކަމަށް ޝައްކުކުރެވޭ ސާމާނުތަކަކާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅި އަކާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޑަބިޔާއެއް ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ  މުއްދަތެއްވަނީ ދީފައެވެ.

މިމައްސަލަ ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.