Program1

ފުލުހުންގެ މެޑިކަލް ސަރވިސަސް ޑިޕާޓްމަންޓާއި ޑައިބެޓިކްސް ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ފުލުހުންނަށް އަމާޒުކޮށްގެން ހަކުރުބައްޔަށް  ސްކްރީން ކުރުމާއި ހަކުރު ބައްޔަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދު މެންދުރުފަހު އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މި ޕްރޮގްރާމް ފައްޓަވާ ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދުއެވެ. މި ޕްރޮގްރާމް ފެށުމުގެ ގޮތުން މެޑިކަލް ސަރވިސަސްގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. އިބްރާހިމް ސަޢީދު ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުލުހުންނާއި ޑައިބެޓިކްސް ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ހިންގޭ މިފަދަ ޕްރޮގްރާާމްގެ ސަބަބުން އެތައްް ފައިދާއެއް ފުލުހުންނަށް ލިބިގެންދާނެކަމަށާއި ދުުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި ކެއިން ބުއިމުގައި ހަކުރު ހިމެނޭ ބާވަތްތައް މަދު ކުރުމަށް އެދިލެއްވިއެވެ. އަދި ހަށިގަނޑުގައި ހަކުރު އިތުރުވެގެންދާ މައިގަނޑު އެއް ސަބަބަކީ ސްޓްރެސްކަން ފާހަގަކުރައްވައި ހަކުރުބަލިން ދުރުހެލިވުމަށްޓަކައި ޤަވައިދުން ސްކްރީން ކުރުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

Program2

ދެ ދުވަހުގެ މުއްދަތަށް އިސްކަންދަރު ކޮށީގައި ކުރިއަށް ގެންދާ މި ޕްރޮގްރާމް މިއަދުގެ 14:00 ން ހަވީރު 17:00 އަށް ކުރިއަށްދާއިރު މާދަމާ ހެނދުނު 09:00 ން މެންދުރު 12:00 އަށް އަދި މެންދުރުފަހު 14:00 ން 17:00 އަށް ކުރިއަށްދާނެއެވެ. މި ޕްރޮގްރާމުގައި ހަކުރުބައްޔައް ޓެސްޓްކުރުމާއި ހަށިގަނޑުގައި ސަރުބީ ހުރި މިންވަރު ދެނަގަތުމާއި ލޭމައްޗަށް ދޭތޯބެލުމާއި ބޮޑީފެޓް ޕަރސެންޓޭޖް ބެލުން ކުރިޔަށްދާނެއެވެ. މީގެ އިތުރުން ހަކުރުބައްޔާބެހޭގޮތުން މަޢުލޫމާތު ދިނުންވެސް ކުރިޔަށް ދާނެއެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދުގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ފުލުހުންނާއި އާންމު މުވައްޒަފުން ބައިވެރިވެލެއްވިއެވެ.