viber image

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ.ހޯރަފުށި ޕޮލިސް ސްޓޭޝަނުން ހިނގި އޮޕަރޭޝަނެއްގައި، ގިނަޢަދަދެއްގެ މަސްތުވާތަކެއްޗާއެކު  މީހަކު ހައްޔަރުކޮށްފިއެވެ.

ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތީގެވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ނޮވެމްބަރ 6 ވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހޯރަފުށި މަގުމަތިން މިމީހާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިކުރުމުން، މީނާ ގެންގުޅުނު ކޮތަޅެއްގެ ތެރޭގައި އޮތް ރޭޑިއޯ އެއް ރޫޅާ ބެލިއިރު މަސްތުވާ ތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 746 ކުދި ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މި މައްސަލަ ހއ.ހޯރަފުށި ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.