Thinadhoo Operationpic

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގދ.ތިނަދޫ ޕޮލިސް ސްޓޭޝުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ގދ.މަޑަވެލިން ބަޔަކު މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އޮކްޓޯބަރު 25 ވަނަ ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ  40 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ ފިރިހެނެކެވެ. މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ މަޑަވެލިން ޑިންގީއެއްގައި ތިނަދޫއަށް އައިތަނުންނެވެ. އަދި އެތިންމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު އެމީހުން އެވަގުތު ތިބި ޑިންގީތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާއިމެދު ގޮތެއް ނިންމަން ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބޭތިއްބުމަށް 07 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުންނަކީވެސް ކުށުގެ ރިކޯރޑްސް އޮންނަ ތިން މީހުންނެވެ.

މި މައްސަލަ ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.