viber image

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ގައްދޫ ބަނދަރާއި ކައިރިކުރާ ޑިންގީއަކަށް މަސްތުވާތަކެތި ހިފައިގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މީހެކެވެ.

އޮކްޓޫބަރ 25ވަނަ ދުވަހު ގައްދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި، ގައްދޫ ބަނދަރު ސަރަޙައްދުން މިމީހާ ހުއްޓުވުމުން އަތުގައި އޮތް އެއްޗެއް މޫދަށް އެއްލައިލުމުން އެ ނަގައި ބަލައިފާސްކުރި ކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 25 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 8 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މިމައްސަލަ ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.