CP with IPS

އިންޑިއާގެ ހައިދްރަ އާބާދުގައި 2017 ޑިސެމްބަރ މަހުން ފެށިގެން 10 މަސް ދުވަހުގެ މުއްދަތަށް ހިންގި އައިޕީއެސް ޕްރޮބޭޝަނާސް ކޯސް ފުރިހަމަ ކުރި ދިވެހި ފުލުހުންނާއި ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ބައްދަލުކުރައްވައިފިއެވެ.

މިމަހު 11 ވަނަ ދުވަހު ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދު ދެއްކެވި ވާހަކަފުޅުގައި އައިޕީއެސް ޕްރޮބޭޝަނާސް ކޯސް ފުރިހަމަ ކުރި 4 ފުލުހުންނަށް މަރުޙަބާ ދަންނަވައި ޝުކުރު ދެންނެވިއެވެ. އަދި ހަމައެއާއެކު ކޯހުން ލިބުނު ތަޖުރިބާގެ އަލީގައި ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ އިތުރަށް ތަރައްޤީކުރުމަށާއި ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އިޚްލާސްތެރިކަމާއެކު މަސައްކަތްކުރުމަށް އެދިލެއްވިއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދު އާއި ސްޓާފް ވެލްފެއަރ އެންޑް ފައިނޭންސް މެނޭޖްމަންޓް ޑައިރެކްޓްރޭޓްގެ ޑެޕިއުޓީ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް ޢަބްދުﷲ އާއި އައިޕީއެސް ޕްރޮބޭޝަނާސް ކޯހުގެ 4 ބައިވެރިން ބައިވެރިވެލެއްވިއެވެ.

އިންޑިއާގެ ހައިދްރަ އާބާދުގައި 2017 ޑިސެމްބަރ މަހުން ފެށިގެން 10 މަސް ދުވަހުގެ މުއްދަތަށް ހިންގި އައިޕީއެސް ޕްރޮބޭޝަނާސް ކޯސް ފުރިހަމަ ކުރި 4 ދިވެހި ފުލުހުންނަކީ އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން އަބްދުލް ޤައްޔޫމް އާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް އިމްރާން އާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިޙް މުޙައްމަދުގެ އިތުރުން ޕޮލިސް ސްޓާފް ސަރޖަންޓް މުޙައްމަދު ސުޖާޢުއެވެ.

މި ކޯސް މައިގަނޑު ގޮތެއްގައި ބިނާވެގެންވަނީ ފީލްޑް ޓްރެއިނިންގެ މައްޗަށެވެ. އެގޮތުން ފިޒިކަލް ޓްރޭނިންގ އާއި ވެޕަން ޓްރޭނިންގެ އިތުރުންވެސް މި ކޯހުގެ ބައިވެރިންނަށް ފުލުހުންގެ މަސައްކަތްތަކުގެ ޢަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން މޮޑެލް ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރުމާއި، މޫޓް ކޯޓު ފަދަ މޮޑިއުލްތަކުން ޢަމަލީ ތަޖުރިބާ ފޯރުކޮށްދޭނެއެވެ. މީގެ އިތުރުންވެސް ޤާނޫނުގެ ބައިތަކާއި ތަޙްޤީޤުކުރުމުގެ ހުނަރުތަކާއި ފޮރެންސިކް މެޑިސިން އަދި ޕޮރެންސިކް ސައިންސްގެ ބައިތަކާއި ކްރިމިނޮލޮޖީ އާއި ލީޑަރޝިޕް ފަދަ ފުލުހުންނާއި ގުޅުން ހުރި މުހިއްމު މާއްދާތައް ކިޔަވައިދެއްވައެވެ.