viber image

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަން ތަކެއްގައި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ޝައްކުކުރެވޭ  ސާމާނު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ފުވައްމުލަކުގައި ބަނގުރާ އުފައްދުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ކަމަށް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މިއަދު ހިންގި އޮޕަރޭޝަންތަކެއްގައެވެ.

އެގޮތުން ފުވައްމުލަކުގެ ޗަސްބިން ހިމެނޭ 3 ސަރަހައްދެއް ބަލައިފާސްކޮށް، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނާއި، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 20 ލީޓަރުގެ ހަންތަކެއް ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށްވަނީ ގެނެސްފައެވެ.