viber image

ހއ. ހޯރަފުށީގެ ގެއަކުން ވަގަށް ނަގާފައިވާ ގިނަ ޢަދަދެއްގެ ފައިސާތަކުގެ ތެރެއިން ބައެއް ފައިސާތައް ހޯދައި، ތުހުމަތުކުރެވޭ ތިންމީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނެކެވެ. މިމީހުންގެ ތެރެއިން 34 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ  އޮކްޓޯބަރު 6 ވަނަ ދުވަހު ހޯރަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ. އަދި 35 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޯޓު އަމުރެއްގެ ދަށުން މިއަދުއެވެ.

އޮކްޓޯބަރު 4 ވަނަ ދުވަހުގެރޭ ވަގުތެއްގައި ހޯރަފުށީ ގެއެއްގެ އަލަމާރީގައި ހުރި  -/111000ރ  (އެއްލައްކަ އެގާރަހާސް ރުފިޔާ) ވަގަށް ނަގާފައިވާކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުމު މައްސަލައަކާ ގުޅިގެން އެދެމީހުން ހައްޔަރުކޮށް،  ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެރެއިން -/63500ރ (ފަސްދޮޅަސްތިންހާސް ފައްސަތޭކަ ރުފިޔާ) ވަނީ ހޯދާފައެވެ. މިފަައިސާތައް ހޯދާފައިވަނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ  34 އަހަރުގެ މީހާ ދިރިއުޅެމުންދާ ގެ އޮކްޓޯބަރު  މަހުގެ 7 ވަނަ ދުވަހު ބަލައިފާސްކޮށް، އެގޭ ބަދިގެތެރޭގައި ވަޅުލާފައި އޮތް ކޮތަޅެއްގެ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިންނެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 34 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މިމައްސަލަ ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.