މަސްތުވާތަކެއްޗާއިދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެެވެ.
މާލެއިން ފުވައްމުލަކަށް އަންނަ ފްލައިޓަކުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލުމާތަކާއި ގުޅިގެން، އޮކްޓޯބަރ 7ވަނަ ދުވަހުގެރޭ 20:20 ހާއިރު ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ މީހެކެވެ.
ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި، ފުވައްމުލަކު އެއަރޕޯޓުން މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 2 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނސިްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތެއްދީފައިވެއެވެ.
މިމައްސަލަ ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަނުންދަނި ތަޙުޤީޤު ކުރަމުންނެވެ.