NaifaruDrug2

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޅ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މީހަކު މަސްތުވާތަކެތި ގެންގުޅެމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން  އޮކްޓޯބަރު  5 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސާއި ޅ. ނައިފަރު ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ އޭނާ މަސައްކަތްކުރަމުންދާ ރިސޯޓުންނެވެ.

މިމީހާ ހައްޔަރުކޮށް އޭނާ މަސައްކަތްކުރަމުންދާ ރިސޯޓުގައި އުޅެމުންދާ ކޮޓަރި ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އެކޮޓަރިތެރޭގައި ހުރި އޭނާގެ އަލަމާރިތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 3 ރަބަރު ޕެކެޓް ފެނިފައިވެއެވެ. މިމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.