viber image

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މާލެއިން ނައިފަރަށް ދަތުރުކުރަމުންދާ ބޯޓަކުން ނައިފަރަށް މަސްތުވާތަކެތި އެތެރެ ކުރަންއުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން  ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ މީހެކެވެ.

ނައިފަރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން، ސެޕްޓެމްބަރ 28ވަނަ ދުވަހުގެ ހެނދުނު 6:15 ހާއިރު ހިންގި މިއޮޕަރޭޝަންގައި 22 އަހަރުގެ މީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ބުލެޓް ސައިޒުގެ ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއްދީފައިވެއެވެ.

މިމައްސަލަ ނައިފަރު ޕޮލިސް ސްޓޭޝަނުންދަނީ ތަހުޤީޤު ކުރަމުންނެވެ.