Ops

ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން “އޮޕަރޭޝަން ބްލޫވޭވް” ގެ އޮޕަރޭޝަނަލް ފޭސް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ފައްޓަވައިދެއްވައިފިއެވެ.

މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ބްރީފިންގގައި “އޮޕަރޭޝަން ބްލޫވޭވް”ގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފައްޓަވައި ދެއްވަމުން އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ދެއްކެވި ވާހަކަފުޅުގައި މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަމާއި ރައްޔިތުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށް ހިމަޔާތްކުރުމުގައި އެންމެ މުހިންމު ދަޢުރެއް އަދާކުރާ ބަޔަކީ ފުލުހުންކަން ފާހަގަކުރައްވައި، މާދަމާ ފަށާ ރިޔާސީ އިންތިޚާބުގައިވެސް އެހެން ފަހަރުތަކެކޭވެސް އެއްފަދައިން އެންމެ މުހިންމު އަދާކުރާ ބަޔަކީ ފުލުހުންކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ރިޔާސީ އިންތިޚާބު އަމާންކަމާއި ސުލްޙަވެރިކަމާއެކު ނިންމާލުމަށްޓަކައި ހުރިހާ ފުލުހުންވެސް އަތުގުޅާލައިގެން މަސައްކަތްކޮށް، އިންތިޚާބުގެ އޮޕަރޭޝަންގެ އެންމެހާ ކަންކަން ނިންމާލުމަށް އެދިވަޑައިގެންނެވިއެވެ.  އަދި އޮޕަރޭޝަން ކުރިއަށްދާއިރު،  ވޭތުވެދިޔަ ދުވަސްތަކުގައި ފުލުހުންނަށް އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ގެންޖެހުންތައް ކުރިމަތިވިނަމަވެސް އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލުމަށް ހުރިހާ ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

މި ބްރީފިންގގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ރިޔާސީ އިންތިޚާބުގެ އޮޕަރޭޝަން ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު އާއި ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނާއި ގިނަ ޢަދަދެއްގެ ފުލުހުން ބައިވެރިވިއެވެ.